ކުޑަ ހިނދުކޮޅަކަށްނަމަވެސް ޤާނޫނާއި ޚިލާފުވުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެންވޭބާ؟!
November 10, 2011 - الخميس 15 ذو الحجة 1432 - އެޑްމިން - މެންބަރުންގެ ޝުޢޫރު, ޕާޓިގެ ޙަބަރު, ޚަބަރު
ލިޔުއްވީ: ޑރ. މުޙައްމަދު މުޢިއްޒު / ޢަދާލަތު ޕާޓީގެ އަމީން ޢާއްމު
ފަހަކަށް އައިސް އަޅުގަނޑުމެންނަށް މި ޤައުމުން ފެނިގެންމިދާ ގިނަ ކަންކަމަކީ ޤައުމާއި ދީންދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު ނުހަނު ކަންބޮޑުވެ ހިތާމަކުރާނޭ ކަންކަން ކަމުގައި ނޫނީ ނުވެއެވެ. “ވަޠަން އެދޭގޮތަށް” އިއްތިޙާދުގެ ނަމުގައި ގުޅިފައިވާ ކޯލިޝަނެއް ހަދައި، އޭރު އޮތް ވެރިކަމުގައި ހުރި ނުރަނގަޅު ކަންތައްތަކެއް ރަނގަޅުކުރުމުގެ އުއްމީދުގައި، ދިވެހިންގެ ގިނަބައެއްގެ ބުރަ މަސައްކަތުން ގެނައިި ވެރިކަމަށް 3 އަހަރުވެގެންދާއިރު، ފެނިގެންމިދަނީ ގިނަބަޔަކު އުއްމީދުކުރިކަހަލަ މަންޒަރުތަކެއްނޫނެވެ.
މިގެ ތެރެއިން އެއްމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޤާނޫނަށް ބޯނުލެނބުމާއި، ޤާނޫނުތަކާއި ޤަޥާޢިދުތަކަށް ޙުރުމަތްތެރިކޮށް ނުހިތުމާއި ޤާނޫނުތަކަށް ޗެލެންޖުކުރުމާއި، ފަނޑިޔާރުންނަށް ބިރުދެއްކުމާއި، ޢާއްމުގޮތެއްގައި ޤާނޫނުގެ ވެރިކަން (ނުވަތަ “ރޫލް އޮފް ލޯ”) ނެގެހެއްޓިގެން ނުދާތަނެވެ. ޖަންގަލީގެ ޤާނޫނުކަމުގައިވާ ބާރުގަދަފަރާތް ބާރުގަދަވެ ކާމިޔާބުހޯދާ އުސޫލު އިސްލާމީ މި މުޖުތަމަޢުގައި އަށަގެންނެވުމަށް މަސައްކަތް ކުރެވެމުންދާ ތަނެވެ. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް އަމާން، އުޖާލާ މުސްތަޤްބަލެއް ޤާއިމުކޮށްދިނުމަށް ހަރުދަނާ ބިންގަލެއް މިއަދު އެޅޭނެކަމަށް އެދުވަހު ކުރި އުއްމީދު ވެއްޔާއި މޮޑެވިގެންދާތަނެވެ.
މިމޭރުމުން އެއްމެ ފަހުން ފާހަގަކުރެވިގެން މިދިޔައީ، ސާކް ސަމިޓާއި ގުޅުވައިގެން އައްޑޫ ސިޓީގައި ސާކް ޤައުމުތަކުގެ ރަމްޒީ ބިނާތަކެއް (ނުވަތަ “މޮނިޔުމަންޓް”) ތަކެއް ބެހެއްޓުމަށް ކުރެވެމުން އައި މަސައްކަތުގައި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ބަހައްޓާ މޮނިޔުމަންޓްގެ ގޮތުގައި ބެހެއްޓިގެން ދިޔަ ބިނާގެ މައްސަލައެވެ. މިގޮތުން، އިސްލާމްދީނާއި ޚިލާފް ކަންކަމާއި، އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ އަޅުކަންކުރާ ތަކެތި ރަމްޒުކޮށްދޭ ބައިތަކެއް ހިމެނޭ އެ މޮނިޔުމަންޓް ރާއްޖެ އެތެރެކުރުމާއި، ބަހައްޓަން މަސައްކަތްކުރުމާއި، ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އެތައް ޤާނޫނަކާއި ޤަޥާޢިދަކާއި ޚިލާފަށް ހިންގާފައިވާ ކަންކަންކަމުގައި ޤާނޫނީ ބޭފުޅުން ދެބަސްވާނޭކަމުގައި ނުދެކެމެވެ.
މިގޮތުން ބަލާލާއިރު، މުޅި މައްސަލަ ޤާނޫނު އަސާސީގެ އެތައް މާއްދާއަކާއި ޚިލާފުވުމުގެ އިތުރުން، އެ ބިނާ އެތެރެކުރުމުގައި ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަޥާޢިދާއި ޚިލާފުވުމާއި، އެ ބިނާ ބެހެއްޓުމުގެ މަސައްކަތްކުރުމާއި ބެހެއްޓުމުގައި ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަޥާޢިދާއި، 2010/11 (ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު) އާއި ޚިލާފުވުމާއި، މިކަމާއި ގުޅިގެން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އާއި ޚިލާފުވުން ފާހަގަކުރެވެއެވެ.
ވަކީން ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ “ޤައުމުތަކުގެ އިސްވެރިން މިވަޤުތު ވަޑައިގެންތިއްބެވުމުގެ ސަބަބުން” އެ ބިނާ ނުނަގާ، އެ ބިނާ އިފްތިތާޙުކުރުމަށް ފުރުސަތުދީ ކެތްތެރިވުމަށް އެދި އެ މޭރުމުން ކެބިނެޓް މިނިސްޓަރަކާއި ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާފައި ވުމެވެ. ޤައުމެއްގެ ނުވަތަ ޤައުމުތަކެއްގެ އިސްވެރިން ވަޑައިގެން ތިއްބެވުމަކީ ޤާނޫނާއި ޚިލާފުވުމަށް އޮތް ޙުއްޖަތެއްކަމުގައި ވޭބާވައެވެ؟ ކުޑަ ހިނދުކޮޅަކަށްނަމަވެސް ޤާނޫނު އަސާސީއާއި ނުވަތަ ޤާނޫނުތަކާއި ނުވަތަ ޤަޥާޢިދުތަކާއި ޚިލާފުވުމުގެ ޙައްޤު ހަމަ އެއްވެސް މީހަކަށް ލިބިގެންވޭބާވައެވެ؟
ޑިމޮކްރަސީއެއްގައި ރޫލް އޮފް ލޯ ދަމަހައްޓަން އެ ޤައުމުގެ ރައްޔިތުން ކުރާ މަސައްކަތަށް ފާޑުކިޔާ ހަޖޫ ޖަހާނޭ ލީޑަރެއް، ވެރިޔެއް ސާކްގެ އެއްވެސް ޤައުމެއްގައި ހުންނާނޭކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ބްލަންޑަރ އެއް ހެދި ޕޮލިޓިކަލް އެމްބެރެސްމެންޓަކަށް މިކަން ވެ ލިޔެވި ދާންޖެހުނުކަމުގައިވީ ނަމަވެސް، އެއީ އެއްމެ ހިނދުކޮޅަކަށްވެސް ޤާނޫނާއި ޤަވާޢިދާއި ޚިލާފުވުމަށް އޮތް ޢުޒުރެއްކަމުގައި ހަމަހިލާ ނުވެއެވެ!
ވުމާއެކު، މި ބިނާ ވަގުތުން ނެގުމަށް ސަރުކާރަށާއި ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް އަދަބުވެރިކަމާއި އެކު ގޮވާލަމެވެ. ޤައުމުގެ މުސްތަޤްބަލަށްޓަކައި ޤާނޫނުގެ ވެރިކަމެއް މި ޅަ ޑިމޮކްރަސީގައި އަށަގެންނެވުމުގެ މުހިއްމު ސަބަބަށްޓަކައެވެ. ދިވެހިރައްޔިތުންގެ ދީނާއި ސަޤާފަތުގެ ޙައްޤުގައެވެ. ދިވެހިންގެ ދީނާއި ޥަޠަނުގެ ދިފާޢުގައި ޝަހީދުވެފައިވާ އަބްޠާލުންގެ ޝަރަފާއި ޢިއްޒަތަށްޓަކައެވެ. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންގެ މުސްތަޤްބަލަށްޓަކައެވެ.
ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަޥާޢިދުތަކާއި ޚިލާފަށް ހިންގާފައިމިވާ ޢަމަލު އިސްލާހުނުކޮށް، މި ބޮޑު ކުށުގައި އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންވެސް ބައިވެރިކުރަން މިކުރެވޭ މަސައްކަތް ތާރީޚުގެ ފަތްފުތްތަކުގައި ލިޔެވިގެންދާނީ އަޅުގަނޑުމެންގެ ފަހުން އަންނާނޭ ޖީލުތައް އެކަމާއި ފަޚުރުވެރިވާނޭ ގޮތަކަށް ކަމުގައި ނުވާނެއެވެ!
